Press Release 13-Dec-15

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން މޯލްޑިވްސް ޕޮލިސް ސާވިސްއަށް ހުށަހެޅިފައިވާ މައްސަލައާއި ބެހޭގޮތުން ދަންނަވަމެވެ.

ޕެންޝަން އޮފީހަކީ ދިވެހިރާއްޖޭގެ ރިޓަރޔަމަންޓް ޕެންޝަން ސްކީމާއި، އުމުރުންދުވަސްވީ މީހުންގެ އަސާސީ ޕެންޝަން ސްކީމް ހިންގުމަށްޓަކައި ޤާނޫނަކުން އުފައްދާފައިވާ މުއައްސަސާއެކެވެ.

މިދެ ސްކީމްގެ އިތުރުން، ދިވެހި ދަޢުލަތުގެ ބަޖެޓުން ދެމުން ގެންދާ އެހެނިހެން ޕެންޝަންތައް، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އިން ކަނޑައަޅާ އުޞޫލެއްގެ ދަށުން، ފޯރުކޮށްދިނުމުގެ އިދާރީ މަސައްކަތް ކުރަނީ ވެސް މިއޮފީހުންނެވެ. މިގޮތުން ދޫކުރާ ފައިސާ ދޫކުރެވެނީ މިނިސްޓްރީ އޮފް ފިނޭންސް އިން ކަނޑައަޅާފައިވާ އުސޫލުތަކާއި އެއްގޮތަށްތޯ ބެލުމަށްޓަކައި މިއޮފީހުގެ އިންޓާނަލް އޮޑިޓް ޑިޕާޓްމަންޓުން ހިންގުނު އޮޑިޓެއްގެ ތެރެއިން، އުސޫލުތަކުގެ ބޭރުން ހިނގާފައިވާ މުއާމަލާތެއް ވަނީ ފާހަގަ ކުރެވިފައެވެ.

މިމުޢާމަލާތާ ގުޅޭ ފައިސާ އަނބުރާ ހޯދުމަށް ކުރެވުނު މަސައްކަތުން މިފައިސާގެ ޖުމްލަ ޢަދަދު ވަނީ އަނބުރާ ހޯދިފައެވެ. އަދި މިއޮފީހުން މިފަދަ ކަންކަމާއިމެދު ޢަމަލު ކުރުމަށް ކަނޑައެޅިފައިވާ އުޞޫލުގެ ދަށުން މިމައްސަލަ ވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަހެޅިފައެވެ.

ދެންނެވުނު ފައިސާއަކީ ދިވެހިރާއްޖޭގެ ރިޓަޔަމަންޓް ޕެންޝަން ސްކީމަށް ވަޒީފާދޭ ފަރާތުންނާއި ވަޒީފާ އަދާކުރާ ފަރާތުން ޖަމާކުރާ ފައިސާއާ ގުޅުންހުރި މުޢާމަލާތެއް ނޫންކަންވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

މިފަދަ ކަމެއް ކުރިއަށް އޮތްތަނުގައި ތަކުރާރު ވިޔަނުދިނުމަށާއި ޕެންޝަން ސްކީމްގެ ބައިވެރިންގެ ޙައްގުތައް ހިމާޔަތް ކުރުމަށްޓަކާ އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް މިއޮފީހުން އަޅަމުން ގެންދާނެ ކަމުގެ ޔަގީންކަން އަރުވަމެވެ.


ނަންބަރު: 216-MPAO/PR/2015/01

13 ޑިސެންބަރު 2015