Press release: 29-08-2016

ދިވެހިރާއްޖޭގެ ރިޓަޔަރމަންޓް ޕެންޝަން ސްކީމުގެ މެންބަރުން ގެދޮރު ގަތުމަށް ބޭނުންވާ ޑައުންޕޭމަންޓް ދެއްކުމަށް ޕެންޝަން ފައިސާ ރަހުނުކުރުމާބެހޭ

  މޯލްޑިވްސް ރިޓަޔަރަމަންޓް ޕެންޝަން ސްކީމުގެ މެންބަރުންގެ ތެރެއިން ގެދޮރު ގަތުމަށް އެދޭ ފަރާތްތަކަށް،އެކަމަށް ބޭނުންވާ ލޯނު ލިބޭނެމަގު ފަހިކުރުމަށްޓަކައި، ޕެންޝަން އޮފީހާއި ހައުސިންގ ލޯނު ދޫކުރާ މުއައްސަސާ ތަކާއެކު އެއްބަސްވުންތަކެއްވަނީ އެކުލަވާލަން ފަށާފައެވެ. މިގޮތުން، ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗް.ޑީ.އެފް.ސީ.) އާއެކު މިއަދު، 29 އޮގަސްޓް 2016 ގައި މިވަނީ މިއެއްބަސްވުމުގައި ސޮއި ކުރެވިފައެވެ. މި އެއްބަސްވުމާއެކު، ގެދޮރު ގަތުމަށްޓަކައި ޕެންޝަން ފަންޑުގައި ހުރި ފައިސާ ކޮލަޓަރަލައިޒް ކޮށްގެން، ޢާންމުކޮށް ހުޅުވާލައިގެން ވިއްކާ ގެދޮރު ގަތުމަށްޓަކައި ބޭނުންވާ ލޯނުގެ ޑައުންޕޭމަންޓްގެ ފައިސާ އެޗް.ޑީ.އެފް.ސީ. މެދުވެރިކޮށް ހަމަޖެއްސުމުގެ އިންތިޒާމްތައް ޢަމަލީގޮތުން ފެށިފައިވާކަމުގައި މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

އެޗް.ޑީ.އެފް.ސީ. ގެ އިތުރުން، މިހިނގާ އޮގަސްޓް މަހުގެ 9 ވަނަ ދުވަހު ބޭންކް އޮފް މޯލްޑިވްސް އާއެކުވެސް ވަނީ މިފަދަ އެއްބަސްވުމެއްގައި ސޮއިކުރެވިފައެވެ. އެހެން ކަމުން މިހާރު ގެދޮރު ގަތުމަށްޓަކައި ޕެންޝަން ފަންޑުގައި ހުރި ފައިސާ ކޮލަޓަރަލައިޒް ކޮށްގެން، ގެދޮރު ގަތުމަށްޓަކައި ބޭނުންވާ ލޯނުގެ ޑައުންޕޭމަންޓް ދެއްކޭނެ އިންތިޒާމް މިދެމުއައްސަސާ މެދުވެރިކޮށް ހަމަޖެހިފައިވާ ވާހަކަ ދަންނަވަމެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް އިތުރު މުއައްސަސާތަކާއިއެކު ކުރެވޭ މިފަދަ އެއްބަސްވުންތަކުގެ މަޢުލޫމާތު ހާމަކުރަމުންގެންދާނޭ ކަމުގައި ދަންނަވަމެވެ.

 

  ވީމާ، ޕެންޝަން ފަންޑުގެ ބައިވެރިންގެ ތެރެއިން  ގެދޮރު ގަތުމަށްޓަކައި ޕެންޝަން ފަންޑުގައި ހުރި ފައިސާ ކޮލަޓަރަލައިޒް ކުރުމާބެހޭ އެންމެފަހުގެ މަޢުލޫމާތު ހާމަކުރުމަށް މި ފުރުސަތުގެ ބޭނުން ކުރީމެވެ. އަދި، މިގަވާޢިދާ ބެހޭ އިތުރު ތަފްޞީލު ހޯއްދެވުމަށް www.pension.gov.mv އަށް ޒިޔާރަތްކޮށްލުން އެދެމެވެ.

  26 ޛުލްޤައިދާ 1437ހ، 

   29 އޮގަސްޓް 2016 މ، 

އިތުރު މަޢުލޫމާތު ހޯއްދެވުމަށް: މަރިޔަމް ޝާދިޔާއަށް 1441 އަށް ގުޅުއްވާލައްވާ