ޕެންޝަން އޮފީހުގެ އިދާރީ ބަޖެޓް ފާސްކޮށްފި!

1 ފެބްރުއަރީ 2021

ޕެންޝަން ސްކީމުގެ މެންބަރުންނަށް ލިބޭ އިނާޔަތްތައް އިތުރުކޮށް ޚިދުމަތުގެ ފެންވަރު މަތިކުރުމަށް އާ ސްޓްރެޓެޖިކް ޕްލޭނަކާއެކު 2021 ވަނަ އަހަރަށް 42 މިލިޔަން ރުފިޔާގެ އިދާރީ ބަޖެޓެއް ޕެންޝަން އޮފީހުގެ ބޯޑުން ފާސްކޮށްފިއެވެ.

ޕެންޝަން އޮފީހަކީ ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ތައާރަފުކޮށްފައިވާ ޕެންޝަން ސްކީމުތައް ހިންގުމުގެ ޒިންމާ އަދާކުރާ އޮފީހެވެ. އެގޮތުން މިއޮފީހުން ބަލަހައްޓާ ރިޓަޔަރމަންޓް ޕެންޝަން ސްކީމަކީ މިވަގުތު ރާއްޖޭގައި އޮތް އެންމެ ބޮޑު ސޭވިންގްސް ފަންޑެވެ. ޕެންޝަން އޮފީހުގެ ބަޖެޓު ހަމަޖައްސަނީ ޕެންޝަނާ ބެހޭ ޤާނޫނުގައިވާ ގޮތުގެ މަތިން ރިޓަޔަރމަންޓް ޕެންޝަން ސްކީމުގެ ބައިވެރިންގެ އަތުން ނެގޭ ފީއަކުންނެވެ. 

ރިޓަޔަރމަންޓް ޕެންޝަން ސްކީމުގެ އިދާރީ ފީގެ ގޮތުގައި ފުރަތަމަ ނަގާފައިވަނީ ސްކީމުގެ ކޮންމެ ބައިވެރިއެއްގެ އަތުން އަހަރަކަށް އެމީހެއްގެ ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓުގެ %1 އެވެ. ސްކީމު ފުޅާވެ މިއަދަދު 3 ފަހަރު މަތިން ކުޑަކޮށް އިދާރީ ފީގެ ގޮތުގައި މިހާރު ނަގަނީ މެންބަރެއްގެ އަތުން އަހަރަކަށް އެމީހެއްގެ ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓުގެ %0.6 އެވެ. މިއަހަރަށް ކަނޑައެޅި 42 މިލިޔަން ރުފިޔާގެ ބަޖެޓަކީ ފީގެ ގޮތުގައި ނެގޭ އަދަދުގެ %0.3 އެވެ. މިއީ ދުނިޔޭގެ މިފަދަ އެހެން ސްކީމުތަކާ އަޅާބަލާއިރު ޚަރަދު ކުޑަ ބަޖެޓެއްކަމުގައި ބަޖެޓު ކަރުދާހުގައި ފާހަގަކޮށްފައިވެއެވެ.  

މިފައިސާ ޚަރަދު ކުރުމަށް ހަމަޖެހިފައިވަނީ ކިހިނެއް؟ 

ބަޖެޓުގައި ހިމަނާފައިވާ ފައިސާ ބޭނުންކުރުމަށް ހަމަޖެހިފައިވާ ކަންކަމަށް ބަލާއިރު 26.8 މިލިޔަން ރުފިޔާ އާއެކު ބަޖެޓުގައި އެންމެ ބޮޑުއަދަދެއް ކަނޑައެޅިފައިވަނީ ބޯޑާއި މުވައްޒަފުންގެ މުސާރައަށެވެ. ދެވަނައަށް އެންމެ ބޮޑު އަދަދެއް ކަނޑައެޅިފައިވަނީ ކަސްޓޯޑިއަން ޚިދުމަތާއި ކޮންސަލްޓެންސީ ޚިދުމަތަށެވެ. އެއީ 6.4 މިލިޔަން ރުފިޔާއެވެ. ކަސްޓޯޑިއަން އަކީ ޕެންޝަނަށް ޖަމާކުރާ ފައިސާ އިންވެސްޓް ކުރުމާ ހަމަޔަށް ރައްކާތެރިކަމާއެކު އެފައިސާ ބަލަހައްޓާ ފަރާތެވެ. އަދި އެއްތަނުން އަނެއްތަނަށް ޕެންޝަން ފައިސާ ބަދަލު ކުރުމުގައި ވެސް ކަސްޓޯޑިއަންގެ ދައުރު އޮވެއެވެ. ޕެންޝަން ފަންޑަށް ކަސްޓޯޑިއަނަކު އައްޔަނު ކުރުމަކީ އެފައިސާގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ކުރަންޖެހޭކަމެވެ. 

މުސާރައާއި ކަސްޓޯޑިއަންގެ ޚަަރަދަށްފަހު ދެން ހުރި އަދަދުތަކަށް ބަލާއިރު 3.5 މިލިއަން ރުފިޔާ ކަނޑައެޅިފައިވަނީ މެދުނުކެނޑި 24 ގަޑިއިރު ދުނިޔޭގެ ކޮންމެ ތަނަކުންވެސް ޚިދުމަތް ދިނުމުގެ ޤާބިލްކަން ލިބިފައިވާ ޕެންޝަން އޮފީހުގެ އައިޓީ އިންފްރާ ސްޓްރަކްޗަރ އިތުރަށް ހަރުދަނާކޮށް ދެމެހެއްޓުމަށެވެ. ޕެންޝަން އޮފީހަކީ، އޮފީހުގެ ހުރިހާ ޚިދުމަތެއް ކޮންމެ ތަނެއްގައި ހުރެގެންވެސް ހޯދޭ ފެންވަރަށް ޑިޖިޓަލް ޚިދުމަތްތައް ފުޅާ ކުރެވިފައިވުމުގެ އިތުރުން އައި.އެސް.އޯ 27001 މިންގަނޑަށް ޑޭޓާ މޭނޭޖްކޮށް ޑޭޓާ ސެކިއުރިޓީ ބަލަހައްޓާ އޮފީހެކެވެ. 

1.3 މިލިޔަން ރުފިޔާއާއެކު ދެން އެންމެ ބޮޑު އަދަދެއް ބަޖެޓުގައި ކަނޑައަޅާފައިވަނީ ޕެންޝަނަށް މީހުން ހޭލުންތެރި ކުރުމަށާއި އުމުރުން ދުވަސްވީ މީހުންނަށް ހާއްސަ ހަރަކާތްތައް ހިންގުމަށެވެ. މީގެ އިތުރުން އޮފީސް ހިންގުމުގެ ޚަރަދާއި، އުމުރުން ދުވަސްވީ މީހުންނަށް އެކި ޚިދުމަތްތައް ދިނުމަށާއި އޮޑިޓް ފީ ފަދަ ޚަރަދުތައްވެސް ހިމަނާފައިވެއެވެ. 

ސްޓްރެޓެޖިކް ޕްލޭންގައި ހިމަނާފައިވަނީ ކޮންކަންތައްތަކެއް؟

ސްޓްރެޓެޖިކް ޕްލޭނުގައި ހިމަނާފައިވާ ކަންތައްތަކަށް ބަލާއިރު ހިންގުމުގެ ޤާބިލުކަން އިތުރުކޮށް ޕެންޝަން ސްކީމުގެ މެންބަރުންނަށް ލިބޭ އިނާޔަތްތައް އިތުރުކުރުމާއި ޚިދުމަތުގެ ފެންވަރު މަތިކުރުމަށް އަމާޒުކޮށް ގިނަ ކަންތައްތަކެއް ހިމަނާފައިވެއެވެ. މީގެ ތެރެއިން ފާހަގާކޮށްލެވޭ ބައެއް ކަންތައްތަކަކީ ވަޒީފާއަދާކުރަމުން ދަނިކޮށް ބަލިވެ ނުވަތަ މަސައްކަތްނުކުރެވޭ ހާލަތަށް ދާ މީހުންނަށް އިނާޔަތްތަކެއް ދިނުމާއި، ރިޓަޔަރމަންޓަށް ފަހު މުޅި އުމުރަށް އާމްދަނީ ލިބޭނެ އެނުއިޓީ ނިޒާމެއް ޤާއިމުކުރުމާއި، މިހާރަށްވުރެ އިންވެސްޓްމަންޓްތައް ފުޅާ ކުރުމާއި، އިންވެސްޓްމަންޓުތަކުން ރަނގަޅު ނަފާ ހޯދުމަށް ގާބިލުކަން އިތުރުކުރުމާއި، މެންބަރުންނަށް އިތުރު އިނަޔާތްތައް ސްކީމުން ލިބޭނެ މަގު ފަހިކުރުމާއި، ސްކީމުގެ މެންބަރުންނަށް އެފަރާތްތަކުން ޕެންޝަނަށް ޖަމާކުރެވޭ ފައިސާ ބޭނުންކުރެވޭނެ އިތުރު ގޮތްތައް ހޯދުމެވެ. 

2021 ވަނަ އަހަރުގެ ބަޖެޓް އަދި ސްޓްރެޓެޖިކް ޕްލޭން

އެންމެ ފަހުގެ މަޢުލޫމާތު