ސުވާލާއި ޖަވާބު - ސެލްފް އެމްޕްލޯއިޑް

1.  އަމިއްލަވަޒީފާއަދާކުރާ (ސެލްފްއެމްޕްލޯއިޑް) ފަރާތެއްގެ ގޮތުގައި ރިޓަރމަންޓް ޕެންޝަން ސްކީމުގައި ބައިވެރިވެވެނީ ކޮންބަޔަކަށް؟

އަމިއްލަ ވަޒިފާއަދާކުރާ  (ސެލްފް އެމްޕްލޯއިޑް) ފަރާތެއްގެ ގޮތުގައި ރިޓަޔަރމަންޓް ޕެންޝަން ސްކީމުގައި  ބައިވެރިވެވޭނީ، އެއްވެސް ފަރާތެއްގެ މުވައްޒަފަކު ކަމުގައި ނުވާނެހެން އަދި ވަޒިފާދޭ ފަރާތެއްގެ ބާރު ނުފޯރާނޭހެން ނުވަތަ ވަޒިފާދޭ ފަރާތެއްގެ ބެލުމުގެ ދަށުން ކުރާކަމަށް ނުވާނޭގޮތަށް، މުދާވިއްކައިގެން ނުވަތަ ޚިދުމަތެއް ދީގެން ނުވަތަ މަސައްކަތެއްކޮށްގެން އާމްދަނީ ހޯދާ ފަރާތްތަކަށެވެ.


2. އަމިއްލަ ވަޒިފާއަދާކުރާ ފަރާތްތަކުން ރިޓަޔަރމަންޓް ޕެންޝަން ސްކީމުގައި ބައިވެރިވުމަކީ މަޖުބޫރު ކަމެއްތަ؟

އަމިއްލަ ވަޒިފާއަދާކުރާ ފަރާތްތަކުން ރިޓަޔަރމަންޓް ޕެންޝަން ސްކީމުގައި ބައިވެރިވުމަކީ މަޖުބޫރު ކަމެއްނޫނެވެ.


3.ރިޓަޔަރމަންޓް  ޕެންޝަން ސްކީމުގައި އަމިއްލަ ވަޒީފާއަދާކުރާ ފަރާތެއްގެ ގޮތުގައި  ބައިވެރިވެ ޕެންޝަން ކޮންޓްރިބިއުޝަން ދެއްކުމަށްޓަކައި އިދާރީގޮތުން ކުރަންޖެހޭ ކަންތައްތަކަކީ ކޮބާ؟

އަމިއްލަ ވަޒީފާއަދާކުރާ ފަރާތެއްގެ ގޮތުގައި ރިޓަޔަރމަންޓް ޕެންޝަން ސްކީމުގައި ބައިވެރިވެ ޕެންޝަން ކޮންޓްރިބިއުޝަން ދައްކަމުން ގެންދިއުމަށްޓަކައި އިދާރީގޮތުން ކުރަންޖެހޭ ކަންތައްތަކަކީ :

1.  އަމިއްލަ ވަޒީފާއަދާކުރާ ފަރާތެއްގެ ގޮތުގައި ރިޓަޔަރމަންޓް ޕެންޝަން ސްކީމުގައި ރަޖިސްޓަރީވުމަށްޓަކައި އެކަމަށް ކަނޑައެޅިފައިވާ ފޯމު "ރިޓަޔަރަމަންޓް ޕެންޝަން ސްކީމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމު' ފުރިހަމަކޮށް ޕެންޝަން އޮފީހަށް ހުށަހެޅުން

2.  ސްކީމުގައި ރަޖިސްޓްރީ ވުމަށް ފަހު ޕެންޝަން ކޮންޓްރިބިއުޝަންގެ ގޮތުގައި ދައްކަން ބޭނުންވާ ފައިސާގެ ތަފްސީލް (ސްޓޭޓްމަންޓް އޮފް ޕެންޝަން ކޮންޓްރިބިއުޝަން) އެކަމަށް ކަންޑައެޅިފައިވާ ފޯރމެޓުގައި ޕެންޝަން އޮފީހުގެ ޕޯރޓަލް (ކޮށާރު) މެދުވެރި ކޮށް ހުށަހެޅުން

3.  ކޮށާރު ޕޯރޓަލް މެދުވެރިކޮށް ސްޓޭޓްމަންޓް އޮފް ޕެންޝަން ކޮންޓްރިބިއުޝަން ހުށަހެޅުމުން އެފަރާތަކަށް ލިބޭ 'ޕޭމަންޓް ވައުޗަރ'ގައި ވާ  އަދަދަށް ބެންކަށް ފައިސާ ދެއްކެން. 

4.  ޕެންޝަން ކޮންޓްރިބިއުޝަންގެ ގޮތުގައި ބެންކަށް ޖަމާކުރި ފައިސާ އެފަރާތެއްގެ ރިޓަޔަރމަންޓް ސޭވިންގ އެކައުންޓަށް ޖަމާވެއްޖެކަން ޔަޤީން ވަންދެން، ފައިސާ ދެއްކުމުން  ބޭންކުން ފޯރުކޮށްދޭ ރިސިޕްޓް ރައްކާތެރިކަމާ އެކު ބޭއްވުން 


4. އަމިއްލަ ވަޒީފާއަދާކުރާ ފަރާތްތަކުން ޕެންޝަން ކޮންޓްރިބިއުޝަންގެ ގޮތުގައި ދައްކަންޖެހެނީ ކިހާ މިންވަރެއް؟

އަމިއްލަ ވަޒީފާއަދާކުރާ ފަރާތްތަކުން ޕެންޝަން ކޮންޓްރިބިއުޝަންގެ ގޮތުގައި ދައްކާނެ އަދަދު ކަނޑައަޅާނީ އެފަރާތަކުންނެވެ. ނަމަވެސް އެފަަދަ ފަރާތަކުން ޕެންޝަން ކޮންޓްރިބިއުޝަންގެ ގޮތުގައި ދެއްކުމަށް ކަނޑައަޅާ އަދަދަކީ، އަމިއްލަ ވަޒިފާއަދާ ކުރާ ފަރާތްތަކުން ރިޓަޔަރމަންޓް ޕެންޝަން ސްކީމަށް ދެއްކޭނެ ކަމަށް  ޕެންޝަން އޮފީހުން ކަނޑައަޅައި އިއުލާން ކޮށްފައިވާ އެންމެ މަދު އަދި އެންމެ ގިނަ އަދާދާއި ދެމެދުގެ އަދަދަކަށް ވާންވާނެއެވެ.


5. އަމިއްލަ ވަޒީފާއަދާކުރާ ފަރާތްތަކުން ކޮންމެމަހަކު ޕެންޝަން ކޮންޓްރިބިއުޝަން ދައްކަންޖެހޭނެތަ؟

އަމިއްލަ ވަޒީފާއަދާކުރާ ފަރާތްތަކުން ކޮންމެ  މަހަކު ޕެންޝަން ކޮންޓްރިބިއުޝަން ދައްކާކަށް ނުޖެހޭނެއެވެ. ނަމަވެސް އެފަދަ ފަރާތަކުން ބޭނުވާނަމަ ކޮންމެ މަހަކު ކޮންޓްރިބިއުޝަން ދެއްކުމަކަށް ހުރަހެއްނެތެވެ.


6.ރިޓަޔަރމަންޓް  ޕެންޝަން ސްކީމުގައި އަމިއްލަ ވަޒީފާއަދާކުރާ ފަރާތެއްގެގޮތުގައި ބައިވެރިވާ ފަރާތަކަށް ސްކީމަށް ދެއްކޭނެ  އެންމެ މަދު އަދި އެންމެ ގިނަ މިންވަރަކީ ކޮބާ؟

އަމިއްލަ ވަޒީފާއަދާ ކުރާފަރާތެއްގެ ގޮތުގައި ރިޓަޔަރމަންޓް ޕެންޝަން ސްކީމުގައި ބައިވެރިވާ ފަރާތަކަށް ޕެންޝަން ކޮންޓްރިބިިއުޝަންގެ ގޮތުގައި އެއްފަހަރާ ދެއްކޭނެ އެންމެ ކުޑައަދަދަކީ ފާއިތުވި އަހަރު ދައުލަތުގެ ވަޒިފާއެއް އަދާކުރި ފަރާތްތަކުގެ ތެރެއިން އެންމެ ކުޑަ މުސާރަ ލިބުނު ފަރާތުގެ، ޕެންޝަނަށް ބަލާ މުސާރައިގެ %14 އަށްވުރެ ކުޑަނޫން އަދަދެކެވެ. މިއަދަދު ޕެންޝަން އޮފީހުގެ ވެބްސައިޓުގައި ލިބެން ހުނާނެއެވެ. 

އަމިއްލަ ވަޒީފާއަދާކުރާ ފަރާތެއްގެގޮތުގައި ރިޓަޔަރމަންޓް ޕެންޝަން ސްކީމުގައި ބައިވެރިވާ ފަރާތަކަށް ކޮންޓްރިބިިއުޝަންގެ ގޮތުގައި އަހަރަކު ދެއްކޭނެ އެންމެ ބޮޑުއަދަދަކީ  ފާއިތުވި އަހަރު ދައުލަތުގެ ވަޒިފާއެއް އަދާކުރި ފަރާތްތަކުގެ ތެރެއިން އެންމެ ބޮޑު މުސާރައެއް ލިބުނު ފަރާތުގެ، ޕެންޝަނަސް ބަލާ މުސާރައިގެ (އަހަރީ މުސާރައިގެ) %14 އަށް ވުރެ އިތުރު ނޫން އަދަދެކެވެ. މިއަދަދު ޕެންޝަން އޮފީހުގެ ވެބްސައިޓުގައި ލިބެން ހުނާނެއެވެ. 


7.ރިޓަޔަރމަންޓް  ޕެންޝަން ސްކީމުގައި ބައިވެރިވާ އަމިއްލަ ވަޒީފާއަދާ ކުރާ ފަރާތްތަކަށް ސަބްސިޑީ ދެވެނީ ކޮންގޮތަކަށް؟

ރިޓަޔަރމަންޓް  ޕެންޝަން ސްކީމުގައި ބައިވެރިވާ އަމިއްލަ ވަޒީފާއަދާކުރާ ފަރާތްތަކުގެ ތެރެއިން ސަބްސިޑީއަށް އެދޭ އަދި ސަބްސިޑީ ލިބުމަށް ޝަރުތު ހަމަވާ ފަރާތްތަކަށް  2 ބާވަތެއްގެ ސަބްސިޑީ ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެއީ ރިިޓަޔަރމަންޓް ޕެންޝަން ސްކީމުގައި އަލަށް ބައިވެރިވާ ފަރާތްތަކަށް އެެއްފަހަރާ ދެވޭ އިނާޔަތާއި، އަމިއްލަ ވަޒީފާ އަދާކުރާ ފަރާތެއްގެ ގޮތުގައި ރިޓަޔަރމަންޓް ޕެންޝަން ސްކީމުގައި ބައިވެރިވެ ސްކީމަށް ފައިސާ ދައްކަމުން ދާ ފަރާތްތަކަށް އަހަރަކު އެއްފަހަރު ދެވޭ އިނާޔަތެވެ. 

ރިިޓަޔަރމަންޓް ޕެންޝަން ސްކީމުގައި އަލަށް ބައިވެރިވާ ފަރާތްތަކަށް އެެއްފަހަރާ ދެވޭ އިނާޔަތް ދިނުމަށް ހަމަޖެހިފައިވަނީ ރިޓަޔަރމަންޓް ޕެންޝަން ސްކީމުގައި އަލަށް ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ސަބްސިޑީއަށް އެދި ކޮންމެ އަހަރަކުވެސް އެންމެ ފުރަތަމަ ފޯމު  ހުށަހަޅާ 5000 (ފަސްހާސް) ފަރާތަށެވެ. މިފަރާތަކަށް ސަބްސިޑީގެ ގޮތުގައި ދިނުމަށް ހަމަޖެހިފައިވަނީ އެފަރާތެއްގެ ރިޓަޔަރމަންޓް ސޭވިންގ އެކައުންޓަށް ޖަމާކޮށްދެވޭ -/2000 (ދެހާސް) ރުފިޔާއެވެ.

ރިޓަރޔަރމަންޓް ޕެންޝަން ސްކީމުގައި ބައިވެރިވާ ފަރާތްތަކަށް އަހަރަކު އެއްފަހަރު ދެވޭ އިނާޔަތް ދިނުމަށް ހަމަޖެހިފައިވަނީ އަމިއްލަ ވަޒީފާ އަދާކުރާ ފަރާތެއްގެ ގޮތުގައި  ރިޓަޔަރމަންޓް ޕެންޝަން ސްކީމުގައި ބައިވެރިވެ ސްކީމަށް ފައިސާދައްކަމުންދާ ފަރާތްތަކުގެ ތެރެއިން މަހަކު -/5000ރ ( ފަސްހާސް ރުފިޔާ ) އަށް ވުރެ ކުޑަ އާމްދަނީއެއް ލިބޭ ފަރާތްތަކަށެވެ. މިގޮތުން ދިނުމަށް ހަމަޖެހިފައިވަނީ ސަބްސިޑީއަށް އެދޭ ފަރާތްތަކުން ރިޓަޔަރމަންޓް ޕެންޝަން ސްކީމަށް އަހަރަކު ޖަމާކުރާ ފައިސާގެ %25 އާއި އެއްވަރުގެ ޢަދަދެއް ޖެހިގެން އަންނަ އަހަރު އެފަރާތެއްގެ ރިޓަޔަރމަންޓް ސޭވިންގ އެކައުންޓަށް ޖަމާކުރެވޭނެއެވެ. މިސަބްސިޑީގެ ގޮތުގައި އެންމެ ގިނަވެގެން ޖަމާކޮށްދެވޭނީ ވޭތުވެދިޔަ އަހަރު ސަރުކާރު މުވައްޒަފުންގެ އަހަރީ އެވްރެޖް ޕެންޝަނަބްލް ވޭޖްގެ %7 (ހަތެއް އިންސައްތަ) ގެ %25 (ފަންސަވީސް އިންސައްތަ) އާއި އެއްވަރުގެ ޢަދަދެކެވެ.


8.ރިޓަޔަރމަންޓް  ޕެންޝަން ސްކީމުގައި ބައިވެރިވާ އަމިއްލަ ވަޒީފާއަދާކުރާ ފަރާތްތަކަށް ދެވޭ ސަބްސިޑއަށް އެދި ހުށަހަޅާނީ ކިހިނެއް ؟ 

ސަބްސިޑީއަށް އެދި ހުށަހަޅާނީ އެކަމަށް ހާއްސަކުރެވިފައިވާ ފޯމުު 'އަމިއްލަ ވަޒިފާއަދާކުރާ ފަރާތްތަކުން ސަބްސިޑީއަށް އެދޭ ފޯމު' މެދުވެރިކޮށެވެ.


9.އަމިއްލަ ވަޒީފާއަދާކުރާ ފަރާތްތަކުން ޕެންޝަން ކޮންޓްރިބިއުޝަންގެ ގޮތުގައި ދައްކާ ފައިސާ އަނބުރާ ލީބޭނީ ކޮންގޮތަކަށް؟

ރިޓަޔަރމަންޓް ޕެންޝަން ސްކީމަށް ދައްކާ ފައިސާ ނޭގޭނީ ޕެންޝަނަށް ބަލާ އުމުރު (65 އަހަރު) ހަމަވުމުން ނުވަތަ 55 އަހަރު ފުރި އަރލީ ޕެންޝަން ވިތްޑްރޯވަލް އަށް ޝަރުތު ހަމަވުމުންނެވެ.

 

10.އަމިއްލަ ވަޒީފާއަދާކުރާ ފަރާތެއްގެ ގޮތުގައި ރިޓަޔަރމަންޓް ޕެންޝަން ސްކީމުގައި ބައިވެރިވެފައިވާ ފަރާތަކުން ރިޓަޔަރމަންޓް ޕެންޝަން ސްކީމަށް ޖަމާކުރާ ފައިސާގެ ތަފްސީލާއި އެފަރާތެއްގެ ރިޓަޔަރމަންޓް ސޭވިންގ އެކައުންޓަށް ދައުލަތުން ސަބްސިޑީގެ ގޮތުގައި ޖަމާކޮށްދޭ ފައިސާގެ ތަފްސީލް ބަލާނީ ކިހިނެއް؟

ރިޓަޔަރމަންޓް ޕެންޝަން ސްކީމުގެ ބައިވެރިންގެ ރިޓަޔަރމަންޓް ސޭވިންގ އެކައުންޓަށް ޖަމާވާ ފައިސާގެ ތަފްސީލް ހިމެނޭ އެކައުންޓް ސްޓޭޓްމަންޓް ޕެންޝަން އޮފީހުން ފޯރުކޮށްދޭނެއެވެ. މިސްޓޭޓްމަންޓް ޕެންޝަން އޮފީހުގެ ޕޯޓަލް މެދުވެރިކޮށް ބެލޭނެ އިންތިޒާމު  ވަނީ ހަމަޖެހިފައެވެ. އަދި،  އެކައުންޓް ގެ ތަފްސީލް ޗާޕްކޮށްފައިވާ ކަރުދާހެއްގެ ގޮތުގައި ބޭނުންފުޅުވާނަމަ، ޕެންޝަން އޮފީހަށް އައިޑީކާޑް ހިއްޕަވައިގެން ވަޑައިގެންނެވުމުން، އެޚިދުމަތް ލިބޭނެ އިންތިޒާމްވެސް ވަނީ ހަމަޖެހިފައެވެ. އަމިއްލަ ފުޅަށް ވަޑައި ނުގެންނެވޭނެނަމަ އައިޑީ ކާޑް ދެއްވާފައި އެހެންބޭފުޅެއް ފޮނުއްވިނަމަވެސް އެޚިދުމަތް ލިބޭނެއެވެ.